Skip to main content

ލޯބިވާ ބައްޕަ އެވެ! ނަމާދަށް ރައްކާތެރިވާށެވެ!

ޚާލިޤްވަންތަ ﷲ ތަބާރަކަ ވަތަޢާލާ ބައްޕައަށާއި އެންމެހާ މުސްލިމުންނަށް އަމުރު ކުރައްވާފައިވަނީ ނަމާދަށް ރައްކާތެރިވުމަށެވެ. އެއިލާހު ވަޙީކުރައްވަނީ “ حَافِظُواْ عَلَى الصَّلَوَاتِ والصَّلاَةِ الْوُسْطَى وَقُومُواْ لِلّهِ قَانِتِينَ (238) – البقرة – މާނައަކީ “ ތިޔަބައިމީހުން ނަމާދުތަކަށާއި މެދުނަމާދުގެ މައްޗަށް ރައްކާތެރިވާށެވެ! އަދި ތިޔަބައިމީހުން ﷲއަށް ކިޔަމަންތެރިވެ މަޑުމައިތިރިކަމާއެކު (ނަމާދުގައި) ޤާއިމްވެ ތިބޭށެވެ.“ ވީއިރު ބައްޕަ ނަމާދަށް ރައްކާތެރި ނުވާތީ ކަންބޮޑުވަމެވެ. ޢާލަމްތަކަށް ރަޙްމަތެއް ކަމުގައި ފޮނުއްވި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ، ބައްޕައާއި އެކަލޭގެފާނުގެ އުއްމަތުގެ އެންމެހާ މީސްތަކުން ނަރަކައިން ސަލާމަތްވުމަށް އެދިވަޑައިގަންނަވާ މިންވަރުފުޅުގެ ބޮޑުކަމުން އެކަލޭގެފާނުގެ އެންމެ ފަހު ނޭވާފުޅުގައި އެންގެވީ ނަމާދަށް ރައްކާތެރިވުމަށެވެ. މިގޮތުން އެކަލޭގެފާނުގެ އެންމެފަހު ނޭވާފުޅުގައި ވިދާޅުވިއެވެ. “ الصلاة الصلاة . . . “ – أحمد – ”ނަމާދެވެ! ނަމާދެވެ!.“ އެބަހީ ނަމާދަށް ރައްކާތެރިވާށެވެ. އެހެންނަމަވެސް ބައްޕަގެ އަމިއްލަ ނަފްސް އެނަރަކައިން ސަލާމަތްކުރުމާމެދު ވިސްނާނުލީތީ ދެރަވަމެވެ. ޤިޔާމަތް ދުވަހުން ބައްޕައާ އެންމެ ފުރަތަމަ ސުވާލު ކުރެވޭނީ ނަމާދާ ބެހޭގޮތުންކަން އެނގޭހެއްޔެވެ؟ އެނަމާދާމެދު ޖަވާބުދާރީ ނުވެވިއްޖެނަމަ ބައްޕަ ކޮށްފައިވާ އެހެން ޢަމަލުތަކުން ކުރާނެ ފައިދާއެއް ނެތެވެ. މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘްބަސްފުޅެއްގައި އައިސްފައިވެއެވެ. “ أول ما يحاسب عليه العبد يوم القيامة الصلاة، فإن صلحت صلح سائر عمله وإن فسدت فسد سائر عمله “ ( الطبراني ) މާނައީ“ ޤިޔާމަތްދުވަހު އަޅާގެ ހިސާބުބެއްލެވޭނެ އެންމެ ފުރަތަމަ ކަމަކީ ނަމާދެވެ. ނަމާދު ރަނގަޅުވެއްޖެނަމަ އެހެން ހުރިހާކަމެއް ރަނގަޅުވީއެވެ. ނަމާދު ގޯސްވެއްޖެނަމަ އެހެން ހުރިހާ ޢަމަލެއްވެސް ގޯސްވީއެވެ.“ ގަދަ ކީރިތިވަންތަ ﷲ ތަބާރަކަ ވަތަޢާލާ އެބަޔަކަށް ތަޢުރީފް ކުރައްވާ އަޅުންގެ ތެރެއިން ވާ މީހެއްކަމުގައި ބައްޕަ ވުން އެދެމެވެ. މިކަމަށްޓަކައި ބުނަމެވެ. ނަމާދަށް ރައްކާތެރިވާށެވެ. މާތް ﷲ ވަޙީކުރައްވަނީ “ الَّذِينَ يُقِيمُونَ الصَّلاَةَ وَمِمَّا رَزَقْنَاهُمْ يُنفِقُونَ (*) أُوْلَئِكَ هُمُ الْمُؤْمِنُونَ حَقًّا لَّهُمْ دَرَجَاتٌ عِندَ رَبِّهِمْ وَمَغْفِرَةٌ وَرِزْقٌ كَرِيمٌ“ (الأنفال) މާނައަކީ ”އެބައިމީހުންނަކީ ނަމާދު ޤާއިމްކޮށް އަދި ތިމަންއިލާހު އެބައިމީހުންނަށް ދެއްވި ތަކެތިން ހޭދަކޮށް އުޅޭމީހުންނެވެ. ޙަޤީޤީ މުއުމިނުންނަކީ ހަމަ އެއީއެވެ. އެބައިމީހުންގެ ވެރި ރައްބުގެ ޙަޟްރަތުން އެބައިމީހުންނަށް މަތިވެރިވެގެންވާ ދަރަޖަތަކާއި، ފާފަފުއްސެވުމާއި އަދި މާތްވެގެންވާ ރިޒްޤު (ސުވަރުގޭގައި) އެބައިމީހުންނަށް ވެއެވެ.“ އަދިވެސް އެއިލާހު ވަޙީކުރައްވަނީ “ وَالَّذِينَ هُمْ عَلَى صَلَوَاتِهِمْ يُحَافِظُونَ (*) أُوْلَئِكَ هُمُ الْوَارِثُونَ (*) الَّذِينَ يَرِثُونَ الْفِرْدَوْسَ هُمْ فِيهَا خَالِدُونَ “ (المؤمنون) މާނައަކީ ”އަދި އެބައިމީހުންނަކީ އެބައިމީހުންގެ ނަމާދުތަކަށް (އެބަހީ ފަރުޟު ނަމާދުތަކަށް އޭގެ ފުރިހަމަ ވަޤުތުތަކުގައި) ރައްކައުތެރިވާ މީހުންނެވެ. ޙަޤީގީ ވާރުތަ ވެރިންނަކީ ފަހެ އެއީއެވެ. އެމީހުންނަކީ ފިރްދައުސްގެ (އެބަހީ އެންމެ މަތީ ސުވަރުގެތަކުގެ) ވާރުތަވެރިންނެވެ. އަދި އެބައިމީހުން އެތަނުގައި އަބަދުގެ އަބަދަށް ދެމިތިބޭ ހުއްޓެވެ.“ ބައްޕައަކީ ނަމާދު ނުކުރާ މީހެއްކަމުގައިވާނަމަ ބައްޕައާ ކާފިރު ކަމާމެދު އެއްވެސް ހުރަހެއް ނެތެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ. “ بين الرجل وبين الكفر، ترك الصلاة “ – مسلم – ”މީހާއާ ކާފިރުކަމާ ދެމެދު ވަނީ ނަމާދު އެޅުމެވެ“. އެހެންކަމުން ނަމާދު ނުކުރާނަމަ ބައްޕައަށް އޮތީ ހަމައެކަނި މުސްލިމް ނަމެކެވެ. އަދި ބައްޕަވާނީ އާ ޚިރަތުގައި ގެއްލުމާއި ހަލާކާ ކުރިމަތިލާން ޖެހޭނެ މީހެއްކަމުގައެވެ. ބައްޕައަށް އެގޮތް މެދުވެރިވާކަށް ނޭދެމެވެ. ބައްޕައަށް އެނގޭ ހެއްޔެވެ؟ ނަރަކައިގެ ހޫނުކަން ގަދަ “ ޣައްޔު “ އޭ ކިޔުނު ވާދީއަށް އެއްލާލެވޭނެ މީހުންނަކީ ނަމާދަށް ފަރުވާތެރި ނުވާމީހުންނެވެ. އެބައިގަނޑުގެ ތެރޭގައި ބައްޕަ ވެދާނެތީ ބިރުގަންނަމެވެ. އެވާދީގެ ހޫނުގަދަކަމުން އެހޫނުން ސަލާމަތްވުމަށް އެދި ޚުދް ނަރަކައިގައިވާ އެހެން ވާދީތައް މާތް ﷲ ގެ ޙަޟްރަތުގައި ދަންނަވައެވެ. ވީއިރު ބައްޕަ އެފަދަ ހޫނުން ސަލާމަތްވުމަށް މަސައްކަތް ނުކުރަނީ ވަކި ކީއްވެ ހެއްޔެވެ؟ ﷲ ތަޢާލާ ވަޙީކުރައްވަނީ “ فَخَلَفَ مِن بَعْدِهِمْ خَلْفٌ أَضَاعُوا الصَّلَاةَ وَاتَّبَعُوا الشَّهَوَاتِ فَسَوْفَ يَلْقَوْنَ غَيًّا “ (59) – مريم -މާނައަކީ“ ފަހެ އެބޭކަލުންނަށްފަހު އެހެން ބަޔަކު އައެވެ. އެބައިމީހުން ނަމާދު ދޫކޮށްލިއެވެ. އަދި ހަވާނަފްސުގެ އެދުންތަކަށް ތަބާވިއެވެ. ފަހެ ނިކަންހުރެ އެބައިމީހުން ހަލާކާއި ކުރިމަތިލާ ހުއްޓެވެ“. އާ ޚިރަތް ދުވަހުން ސުވަރުގެވަންތަވެރީން މުޖްރިމުންނާ ސުވާލު ކުރާނެއެވެ. “ مَا سَلَكَكُمْ فِي سَقَرَ (42) قَالُوا لَمْ نَكُ مِنَ الْمُصَلِّينَ (43)“ – المدّثر- “ ކަލޭމެން ނަރަކައަށް ވަންނަންޖެހުނީ ކީއްވެގެން ހެއްޔެވެ؟ އެބައިމީހުން ބުނެތެވެ. ތިމަންމެން ނަމާދު ކުރާ މީހުންގެ ތެރެއަކުން ނުވަމުއެވެ.“ މިއަދު ބައްޕައަށް ނަމާދު ކުރުމަށް ހަނދާން ކޮށްދެވި، އެކަމަށް ފުރަގަސްދީފައި، އާ ޚިރަތް ދުވަހުން އެމީހުން އެބުނާ ފަދައިން ބުނުމަށް ބައްޕަ އެދެނީ ހެއްޔެވެ؟ ބައްޕައަށް ކުރަން ޖެހިފައިވަނީ ދުވާލަކަށް ފަންސާސް ނަމާދެއް ނޫނެވެ. އެންމެ ފަސް ނަމާދެވެ. އަދި އެފަސް ނަމާދުން ފަންސާސް ނަމާދުގެ ޘަވާބު ﷲ ތަޢާލާ ބައްޕައަށް ދެއްވާނެއެވެ. ވީއިރު ކުޑަވަގުތު ކޮޅަކުން ހޯދޭ މިމަތިވެރި ޘަވާބާމެދު ފިކުރުކޮށްބަލާށެވެ. ބޭނުމެއް ނެތް ބޭކާރު ކަންތައްތަކުގައި ބައްޕަ ހޭދަކުރާ ވަގުތު ތަކުގެ ތެރެއިން ކުޑަ ވަގުތު ކޮޅެއް ނަމާދަށް ހުސްނުކުރެވޭނެ ހެއްޔެވެ؟ ބައްޕައަށް އިވުމާ ފެނުމާ ވާހަކަދެއްކުމާ ހިނގާބިނގާވެ އުޅުމުގެ ކުޅަދާނަކަން ދެއްވި އޯގާވަންތަ މާތް ﷲ އަށް ސަޖިދައެއް ކޮށްލުމަށްޓަކައި 24 ގަޑިއިރުން އެންމެ ގަޑިއިރެއް ހޭދަކޮށްލަން ބައްޕަގެ ހިތް ނުރެހެނީ ހެއްޔެވެ؟ ލޮލަށް ނުފެންނަ ނުހިނގޭ މީހުން، ﷲ ގެ މަތިން ހަނދާންކޮށް ނަމާދަށް ރައްކާތެރިވާއިރު މިހުރިހާ ނިޢްމަތްތަކެއް މާތް ﷲ ބައްޕައަށް ދެއްވާފައިވާއިރު އެކަމާ ލަދުވެތިނުވަންހެއްޔެވެ؟ ބައްޕަގެ ލޯމަތީގައި އެތައް ބަޔަކު މިފަނާވަނިވި ދުނިޔެއާ ވަކިވެގެންދާއިރު ބައްޕަ މާތް ﷲ އަށް ތައުބާވެ ބިރުވެތިވާންވީ ވަގުތު އަދިވެސް ނުޖެހެނީ ހެއްޔެވެ؟ އެހެން އެއްވެސް ފަރާތަކަށް ބޭނުންވެ ވޮޑިގެންނުވާ، އެންމެހާ ކަމަކަށް ކުޅަދުންވަންތަ، ގަދަކީރިތިވަންތަ، ﷲ އާ ކުއްތަން ވެވުމަށްވުރެ މާތްކަމެއް އޮންނާނެ ހެއްޔެވެ؟ ވެރިއެއްގެ އަރިސްކަމާއި ގާތްކަމަށް އެދެވޭ އިރު، ބައްޕައާއި މިކައުނު އުފެއްދެވި، ޢަޒީޒްވަންތަ ﷲ އާ ކުއްތަން ވުމަށް ނޭދެން ހެއްޔެވެ؟ ދުނިޔެއާއި ދުނިޔޭގައި ވާހާ ބަޔަކަށްވުރެ އެއިލާހުގެ މާތްކަމާއި މަތިވެރިކަން ބޮޑެވެ. ބައްޕައަށް އެއިލާހާ އެންމެ ކުއްތަންވެވޭނީ ނަމާދުންނެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ.“ أقرب ما يكون العبد من ربه وهو ساجد،فأكثروا فيه من الدعاء “ . ( مسلم ) މާނައީ“ އަޅާ އޭނާ ހައްދަވާ ގެންގުޅުއްވާ އިލާހާ އެންމެ ކުއްތަންވާ ވަގުތަކީ ސަޖިދައިގައި އޮންނަ ވަގުތެވެ. ފަހެ ތިޔަބައިމީހުން ސަޖިދައިގައި ދުޢާކުރުން ގިނަކުރާށެވެ.“ ﷲ ތަޢާލާ ވާގިވެރިވި އަޅަކަށް މެނުވީ ނުބައި މުންކަރާތްތަކާ ދުރެއް ނުވެވޭނެއެވެ. މިކަމަށްޓަކައި ބައްޕައަށް ﷲ ތަޢާލާ ދެއްވާފައިވާ އެއް އައްޑަނައަކީވެސް ނަމާދެވެ. ﷲ ތަޢާލާ ވަޙީކުރައްވަނީ “ إِنَّ الصَّلَاةَ تَنْهَى عَنِ الْفَحْشَاء وَالْمُنكَرِ (45) – العنكبوت – މާނައީ“ ހަމަކަށަވަރުން ނަމާދު، ހުތުރުކަން ބޮޑު ފާފަތަކާއި މުންކަރާތްތައް ނަހީ ކުރެއެވެ. “ ނުބައިކަންތައްތަކުން ދުރުހެލިވެ ހުރުމަށްޓަކައި ނަމާދުން ވާގިހޯދާށެވެ. އިންސާނަކަށް ވީތީ، އެނގިހުރެގެންނާއި ނޭނގިހުރެ ބައްޕައަށްވެސް ފާފަ ކުރެވޭނެއެވެ. ޤިޔާމަތް ދުވަހުގެ ބިރުވެރިކަމުން ސަލާމަތްކަން ހޯދުމަށްޓަކައި އެހުރިހާ ފާފަތައް ފުހެވުމަށް ނޭދެން ހެއްޔެވެ؟ އެހެންކަމަށްވާނަމަ، މުއުމިނުންނަށް މާތް ނަބިއްޔާ ދެއްވި މިއުފާވެރި ޚަބަރު އަޑުއަހާށެވެ. “ أرأيتم لو أن نهرًا بباب أحدكم يغتسل منه كل يوم خمس مرات، هل يبقى من درنه شىء ؟ قالوا: لا يبقى من درنه شيء . قال : “ فذلك مثل الصلوات الخمس يمحو الله بهن الخطايا “ . (البخاري) “ ތިޔަބައިމީހުން ތެރެއިން މީހަކު ކޮންމެ ދުވަހަކު ފަސްފަހަރު ގޭދޮރުމަތީގައި އޮތް ކޯރަކުން ފެންވަރާނަމަ އޭނާގެ ހަށިގަނޑުގައި އެއްވެސް މިލައެއް ހުންނާނެ ހެއްޔެވެ؟ “ އެބޭކަލުން ދެންނެވިއެވެ. “ ނުހުންނާނެއެވެ. “ އެހިނދު އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. “ ފަސްނަމާދުވެސް އެފަދައެވެ. އެނަމާދުތަކުގެ ސަބަބުން ﷲ ތަޢާލާ، (އަޅާގެ) ފާފަތައް ފުއްސަވައެވެ.“ ޤިޔާމަތް ދުވަހުން ﷲ ތަޢާލާ އެންމެހާ މީސްތަކުންނަށް ސަޖިދަކުރުމަށް އަންގަވާ ވަގުތު ބައްޕައަށް ސަޖިދަ ނުކުރެވިދާނެތީ ކަންބޮޑުވަމެވެ. އެހެނީ ނަމާދަށް ފަރުވާކުޑަ ކުރާނަމަ، އެދުވަހުން ސަޖިދަކުރަން ބޭނުންވި ކަމުގައިވިޔަސް އެކަމެއް ނުކުރެވޭނެއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. “ يَوْمَ يُكْشَفُ عَن سَاقٍ وَيُدْعَوْنَ إِلَى السُّجُودِ فَلَا يَسْتَطِيعُونَ (42) خَاشِعَةً أَبْصَارُهُمْ تَرْهَقُهُمْ ذِلَّةٌ وَقَدْ كَانُوا يُدْعَوْنَ إِلَى السُّجُودِ وَهُمْ سَالِمُونَ (43) ”- القلم – މާނައީ“ ކަންތައްތައް ބޮޑުވެދާ ދުވަހުގައި (ޤިޔާމަތް ދުވަހުގައި) ސަޖިދަކުރުމަށް އެބައިމީހުންނަށް ގޮވާލެވޭނެއެވެ. ދެންފަހެ އެމީހުންނަކަށް ނުކުރެވޭނެއެވެ. އެމީހުން ތިބޭހުށީ އެމީހުންގެ ލޯތައް ނިކަމެތިކަމާ އެކު ތިރިވެ، ދެރަކަމާއި އިހާނެތިކަން އެމީހުންގެ މައްޗަށް ވެރިވެފައެވެ. އެމީހުން ސަލާމަތުން ތިބިއިރުގައި ސަޖިދަކުރަން ބުނެވުނެވެ. (ނަމަވެސް ނުކުރިއެވެ).“ “ حى على الصلاة – ނަމާދަށް އަވަސްވެގަންނާށެވެ.“ ﷲ ތަޢާލާގެ މިނިދާގެ އަޑު އިވޭހިނދު، ބައްޕަ އެއަށް ފުރަގަސްދޭތީ އެކަމާ ބިރުގަންނަމެވެ. ބައްޕައަށް ފުރަގަސްތިދެވެނީ ކޮންފަދަ މަތިވެރި ފަރާތެއްގެ ނިދާއަކަށް ކަން އެނގޭތީއެވެ. އެގޮތަށް ފުރަގަސްދިނުމުން ގަސްތުގައި ބައްޕަ ނަމާދު ދޫކޮށްލަނީއެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ އެފަދަ މީހުންނަށް އޮތް ބަދުނަސީބު އަންގަވާ ދެއްވާފައެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވަނީ “ لا تترك الصلاة متعمدا ، فإنه من ترك الصلاة متعمدا فقد برئت منه ذمة الله “ – الطبراني- “ ތިބާ ގަސްތުގައި ނަމާދު ނާޅާށެވެ. އެހެނީ ހަމަކަށަވަރުން ގަސްތުގައި ނަމާދު އަޅައިފި މީހާ، ﷲ ތަޢާލާގެ ޛިއްމާއިން އޭނާ ބަރީއަވެއްޖެއެވެ.“ މިއަދު އެއިލާހުގެ އަމުރުފުޅަށް ފުރަގަސްދީފައި، މާދަމާ އެއިލާހުގެ މަދަދަށް އެދެންޖެހުމުން ބައްޕަ ހަދާނީ ކިހިނެއް ހެއްޔެވެ؟ އަމިއްލަ ނަފްސު ބޮޑު ބައްޔެއްގައި ހަފުސްވެދާނެއެވެ. ދަރިފުޅު އައި. ސީ. ޔޫ ގައި ބާއްވަފާނެއެވެ. އަތްމަތި ދަތިވެ ދިރިއުޅުން ދަތިވެދާނެއެވެ. ދެން އެއިލާހުގެ މަދަދާ އޯގާވެރިކަމަށް އެދި ދުޢާ ކުރަން ލަދެއް ނުގަންނާނަން ހެއްޔެވެ؟ ﷲ ތަޢާލާ، އެގޮތަށް ކަންތައްކުރާ މީހުން ސިފަ ކުރައްވާފައިވަނީ މިފަދައިންނެވެ. “ وَإِذَا غَشِيَهُم مَّوْجٌ كَالظُّلَلِ دَعَوُا اللّهَ مُخْلِصِينَ لَهُ الدِّينَ فَلَمَّا نَجَّاهُمْ إِلَى الْبَرِّ فَمِنْهُم مُّقْتَصِدٌ ….“ – لقمان – މާނައަކީ “ ( ފަރުބަދައެއްގެ ) ހިޔާފަދަ އުސްރާޅަކުން އެބައިމީހުން ފޮރުވިއްޖެނަމަ އެއިލާހުގެ ކިބަފުޅަށް ދީން ޚަލާޞްކުރާ ޙާލުގައި މާތް ﷲ ގެ ކިބަފުޅަށް އެމީހުން ދުޢާ ކުރާނެތެވެ. އަދި އެމީހުން ސަލާމަތް ކުރައްވައި އެއްގަމަށް ގެންދެވުމުން ފަހެ އެމީހުންގެ ތެރެއިން ( އީމާންކަން މަތީގައި ތިބޭ ) މީހުން މަދެވެ. ” ބައްޕައަށް އެނގޭ ހެއްޔެވެ؟ ނަމާދާމެދު ފަރުވާކުޑަކުރާމީހާއާއެކު ޝައިޠާނަކު ލެއްވިގެން ވެއެވެ. ޒު ޚްރުފު ސޫރަތުގެ 36 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. “ وَمَنْ يَعْشُ عَنْ ذِكْرِ الرَّحْمَنِ نُقَيِّضْ لَهُ شَيْطَانًا فَهُوَ لَهُ قَرِينٌ“ މާނައީ “ ރަޙްމާންވަންތަ އިލާހު މަތިން ހަނދާންކުރުމަށް ދެކޮޅުހަދާމީހާއީ އެމީހާއަށް ޝައިޠާނެއް މެދުވެރި ކުރައްވާނޭ މީހެކެވެ. ފަހެ އެމީހާ ވާހުށީ އެޝައިޠާނާއާ ވަކި ނުވެ އެކުގައި އަބަދު ވާނޭ މީހަކަށެވެ. އަދި އެފަދަ މީހާ މަޙްޝަރުކުރެވޭނީ ލޯއަނދިރި ޙާލަތުގައެވެ. އެދުވަހުން އޭނާ ބުނާނެއެވެ. ”رَبِّ لِمَ حَشَرْتَنِي أَعْمَى وَقَدْ كُنتُ بَصِيرًا (125) (طه) “ ހައްދަވާ ގެންގުޅުއްވާ އިލާހް! އިބަ އިލާހް ތިމަން ލޯކަނު މީހެއްގެ ގޮތުގައި މަޙްޝަރުކުރެއްވީ ކީއްވެގެންތޯއެވެ؟ ހަމަކަށަވަރުން ތިމަންނައަކީ، ދުނިޔެމަތީގައި ލޮލުން ފެންނަ މީހަކީމެވެ.“ ޖަވާބުގައި މާތް ﷲ ވަޙީކުރައްވާނެއެވެ. ”كَذَلِكَ أَتَتْكَ آيَاتُنَا فَنَسِيتَهَا وَكَذَلِكَ الْيَوْمَ تُنسَى (126)“ (طه) “ އެފަދައިން ތިމަން އިލާހުގެ އާޔަތްތައް ކަލެޔަށް ދުނިޔެމަތީގައި ފޮނުއްވެވުމުން ފަހެ ކަލޭ ހަނދާންނައްތާލީމުއެވެ. ހަމައެފަދައިން މިއަދު ކަލޭ (ގެ މަތިން) ހަނދާންނެތުނީއެވެ. ” އެހެންކަމުން އާދޭސްކޮށްފައި ބުނަމެވެ. ނަމާދު ނާޅާށެވެ. ނަމާދަށް ރައްކާތެރިވާށެވެ. ބައްޕަ އެނގިހުރެ ޤިޔާމަތްދުވަހުން ނަރަކައިގެ ޢަޛާބަށް ހުށަހެޅި ނުގަންނާށެވެ. ކަށްވަޅުގައި ލިބިދާނެ ވޭންދެނިވި ޢަޛާބަށް ބިރުވެތިވާށެވެ. މާދަމާވެސް މިދުނިޔެ ދޫކޮށް ދާންޖެހިއްޖެނަމަ ބައްޕައަށްޓަކައި އެހެން މީހުންކުރާ ދުޢާ އަކުން ފައިދާއެއް ކުރާނީވެސް އޭރުންނެވެ. އެހެނީ ނަމާދު އެޅުމަކީ ކުފުރެކެވެ. އަދި އެއަށްވުރެ ވަކިން ބޮޑު ފާފައެއްވެސް ނޯންނާނެއެވެ. އެހެންކަމުން އެފާފައިން ތައުބާވެ ނަމާދަށް ރައްކާތެރިވުމަށް ޢަޒުމް ކަނޑައަޅާށެވެ.
އަޅުގެ ވެރިރަސްކަލާކޯއެވެ! ކުޑަކުއްޖަކު ކަމުގައި މިއަޅާވީދުވަހު، އެދެމީހުން މިއަޅާ ބަލައިބޮޑުކުރި ފަދައިން، އެ ދެމީހުންނަށް رحمة ލައްވައިފާނދޭވެ! އާމީން

Comments

Popular posts from this blog

ރަސޫލުﷲ ﷺ: ކޮންފަދަ ކެތްތެރި ނަބިއްޔެއްތޯ؟

މާތް ނަބިއްޔާ ﷺ އަކީ ދިރިއުޅުމުގެ އެންމެހާ ކަންކަމެއްގައިވެސް އަޅުގަނޑުމެންނަށްވާ ރިވެތި ނަމޫނާއެކެވެ. ކެތްތެރިވެވަޑައިގަތުމުގައިވެސް އެކަލޭގެފާނު ވެވަޑައިގެންފައިވަނީ ނަމޫނާ ބޭކަލެއްކަމުގައެވެ. ރަސޫލު ﷲ ﷺ އަށް 3 ފިރިހެން ބޭފުޅުންނާއި 4 އަންހެން ބޭފުޅުން ލިބިވަޑައިގެންނެވިއެވެ. އެއީ: އަ ލްޤާސިމް ރަސޫލުﷲ ﷺ ނަބީކަމައިގެން ފޮނުންވުމުގެ ކުރިން އެކަލޭގެފާނު އުފަންވެވަޑައިގެންނެވިއެވެ. ނަބިއްޔާ ﷺ ކުންޔާއެއްގެ ގޮތުގައި މިނަން އަބުލް ޤާސިމް މިފަދައިން ބޭނުންކުރެވުނެވެ. އަލްޤާސިމް އަވާހާރަވީ އުމުރުފުޅުން ދެއަހަރުފުޅުގައެވެ. ޢަބްދުﷲ ރަސޫލުﷲ ﷺ ދަރިކަލުން ޢަބްދުﷲ އުފަންވެވަޑައިގަތީ ރަސޫލުﷲ ﷺ ނަބީކަމައިގެން ފޮނުއްވުނުފަހުންނެވެ. އަދި ހިޖްރައިގެ ކުރިން މައްކާގައި ވަރަށް ތުއްޕުޅުއިރު އަވަހާރަވެއްޖެއެވެ. އިބްރާހީމް ފިރިހެން ބޭފުޅުންގެ ތެރެއިން އެންމެ ފަހުން ލިބިވަޑައިގެންނެވީ އިބްރާހީމްއެވެ. އެއީ ހިޖްރައިން 8 ވަނައަހަރެވެ. ޒައިނަބު ރަޟިޔަﷲ ޢަންހާ ރަސޫލުﷲ ގެ އަންހެން ބޭފުޅުންގެ ތެރެއިން އެންމެ ދޮށީ ޒައިނަބުގެފާނެވެ. ރުޤައްޔާ ރަޟިޔަﷲ ޢަންހާ އެކަމަނާ ޢުޘްމާނުގެފާނާއި ކައިވެނި ބައްލަވައިގެންނެވ...

HOW TO STOP CYBER BULLYING!

What is cyberbullying? Cyberbullying is bullying with the use of digital technologies. it can take place on social media, messaging platforms, gaming platforms and mobile-phones. it is repeated be-haviour, aimed at scaring, angering or shaming those who are targeted. examples include: spreading lies about or posting embarrassing photos of someone on social media sending hurtful messages or threats via messaging platforms impersonating someone and sending mean messages to others on their behalf.  face-to-face bullying and cyberbullying can often happen alongside each other. but cyberbullying leaves a digital footprint – a record that can prove useful and provide evidence to help stop the abuse. SAVE: Any evidence of the bullying and show an adult. BLOCK: Massages or the person. Do not respond to them in any way. LOG OFF: The site where the cyberbullying is happening. TALK: To someone you trust about it.

Think before you type, words can hurt!

Posting online is instant, public and usually, permanent. Once you post something online, you lose control of what happens to your post. Think carefully before you post, as it could have permanent consequences.