މަންމައާއި ބައްޕައަށް އެދެމީހުން ދުނިޔެމަތީގައި ވަނިކޮށް ހެޔޮކޮށް ހިތުމުގެ ތައުފީޤް ލިބިއްޖެ މީހަކީ ހަމަ ޔަޤީނުންވެސް ނަސީބުވެރިއެކެވެ! ނަމަވެސް ބުނަންތޯއެވެ! އެދެމީހުން މިދުނިޔެއިން ވަކިވިކަމުގައި ވީނަމަވެސް އެދެމީހުނަށް ހެޔޮކޮށް ހިތުމުގެ ދޮރު އަދި ބަންދެއް ނުވެއެވެ.
އެދެމީހުންނަށްޓަކައި ތިބާއަށް ހެޔޮ ދުޢާކޮށްދެވިދާނެއެވެ. މަންމައާއި ބައްޕަގެ ފަރާތުން ހެޔޮޢަމަލު ކޮށްދެވިދާނެއެވެ.
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ: “ ހަމަކަށަވަރުން ﷲ ޢައްޒަ ވަޖަލް ސުވަރުގޭގައި ޞާލިޙު އަޅާގެ ދަރަޖަ މަތިވެރި ކޮށްދެއްވައެވެ. އެހިނދު އޭނަ ބުނާނެއެވެ: އޭ ރައްބެވެ! މިއީ ކޮން ގޮތަކުން އަހުރެންނަށް ލިބުނު ދަރަޖައެއްތޯއެވެ. ދެން ބުނެވޭނެއެވެ. އެއީ ތިބާގެ ދަރިފުޅު ތިބާއަށްޓަކައި ފާފަ ފުއްސެއްވުމަށްއެދި ދުޢާ ކުރުމުގެ ސަބަބުންނެވެ.“
މިއަށްވުރެ ބޮޑު ހެޔޮކަމެއް އަޅުގަނޑުމެނަށް އެދެމީހުނަށްޓަކައި ކޮށްދެވިދާނެތޯއެވެ؟ މިއަށްވުރެ އަގުހުރި ހަދިޔާއެއް އަޅުގަނޑުމެނަށް އެދެމީހުންނަށް ދެވިދާނެތޯއެވެ؟
މިގޮތުން އަޅުގަނޑުމެނަށް މަންމައާއި ބައްޕައަށްޓަކައި ހެޔޮ ދުޢާކޮށްދެވިދާނެއެވެ. އެދެމީހުންގެ ފަރާތުން ޞަދަޤާތް ކުރެވިދާނެއެވެ. އަޅުގަނޑުމެނަށް އެދެމީހުންގެ މައްޗަށްވާ ފަރުޟު ރޯދަ ހިފިދާނެއެވެ. ޢުމްރާ އަދި ޙައްޖުނުވެ ހުރިނަމަ އެދެމީހުންގެ ފަރާތުން ޢުމްރާ އަދި ޙައްޖުވެވިދާނެވެ. އަދި އެދެމީހުންގެ މައްޗަށް ދަރަންޏެއް ވާނަމަ އެ ދަރަނި އަޅުގަނޑުމެނަށް އަދާކޮށްދެވިދާނެއެވެ.
ނަމަވެސް ކީރިތި ޤުރުއާން ކިޔެވުމަށްފަހުގައި އަދި ނަމާދު ކުރުމަށްފަހުގައި އޭގެ ޘަވާބު މައްޔިތާއަށް ހަދިޔާކުރުމަކީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޞައްޙާ ސުންނަތުން ޘާބިތުވާ ކަމެއް ނޫނެވެ. އަދި މިއީ އެކަލޭގެފާނުގެ ޞަޙާބީންގެ ފަރާތުންވެސް ޘާބިތުވާ ކަމެއް ނޫނެވެ.
މާތް ﷲ އަޅަމެންގެ މައިންބަފައިނަށް ރަޙްމަތް ލައްވާ އެދެމީހުންގެ ފާފަ ފުއްސަވާންދޭވެ! އާމީން

Comments
Post a Comment