މާތް ﷲ އަށް ބިރުވެތިވެ ތަޤްވާވެރިވާށެވެ! ކުރިމަތިވެފައިވާ މި މުޞީބާތުގެ ވަގުތުގައި ކެތްތެރިވާށެވެ! މުޞީބާތަށް ކެތްތެރިވެ ނިޢުމަތަށް ޝުކުރުވެރިވާ އަޅުންނަށް އިތުރު ކޮށްދެއްވާނެއެވެ. ﷲ ތަނަވަސް ރަޙްމަތުން އުންމީދު ކަނޑާނުލާށެވެ! މާޔޫސް ނުވާށެވެ! ރަޙްމަތެއް ނުވާ މުޞީބާތެއް އެކަލާނގެ މެދުވެރި ނުކުރައްވާނެއެވެ. އަޅުތަކުންނަށް ޝުކުރުވެރިވާށެވެ! އަޅުތަކުންނަށް ޝުކުރުވެރި ނުވާ މީހާ ﷲ އަށް ޝުކުރުވެރި ނުވާނެއެވެ. ބަލިމަޑުކަން ތަޙައްމަލު ކުރަމުންދާ އެންމެހާ އަޚުންނާއި އުޚްތުންނަށް އަވަސް ޝިފާއެއް ދެއްވުން އެދި ﷲ އަށް ދުޢާ ދަންވާށެވެ! ދުޢާ އަކީ، މުއުމިނުންގެ ހަތިޔާރެވެ.
މުއުމިނުންނަށް ދިމާވާ ކޮންމެ ކަމެއްގައި، އޭނާގެ މަދަދުގާރަކީ ގަދަކީރިތި ވަންތަ ﷲ ތަޢާލާއެވެ. އެހެންކަމުން އޭނާއާ މެދު ބަޔަކު ކިތަންމެ ރޭވުމެއް ރޭވިޔަސް، އަދި ދުނިޔެ މަތީގައި ކިތަންމެ ބޮޑު ހިތްދަތި ކަމެއް ލިބުނަސް ﷲ އަށް ވަކީލުކޮށްފި ނަމަ، އޭނާއަށް އެކަލާނގެ ފުދިގެންވެއެވެ.
މާތްﷲ ވަޙީ ކުރައްވާފައި އާޔަތުގެ މާނައީ: " ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނަށް ﷲ ފުދެއެވެ. ވަކީލުކުރާ މީހުން ވަކީލު ކުރާހުށި އެކަލާނގެއަށެވެ!“

Comments
Post a Comment